ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ އަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މުސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެ އިދާރާއިން ބުނީވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެއާ ދުރުން އަރަބި ކަނޑާއި، ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މި ކޮޅިގަނޑުގެ ސަބަބުން ވައިގަދަވެ ކަނޑު ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށްވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކަނޑު އުޅަނދުފަހަރުގައި ރައްކާތެރިކަމުގެ ވަސީލަތްތައް ހަމައަށް ހުރިތޯ ބެލުމާއި ކަނޑުމައްޗަށް ނިކުންނައިރު މުސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ މިވަގުތުގެ މޫސުމަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް އާއްމުކޮށް ވައިޖެހޭނީ 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އުތުރަށް ވައިޖެހެނީ ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށްވެސްވަނީ ލަފާކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދުގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާޅުތަކުގެ އުސްމިން އުޅޭނީ 3 ފޫޓާއި 7 ފޫޓާ ދެމެދު ގައި ހުންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައްވެސް މިދުވަސްވަރު ވަރަށްގިނައިން ވަނީ ހިނގާފައިވެއެވެ.
![]()
