ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްލކަވައިފިއެވެ.
ޒެނީޝާގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނީ ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފާ މައްސަލައާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
”ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެނޭ. ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމުގައި އަޅުގަނޑު ދެކެން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ޒެނީޝާ މަށްޗަށް ދައުވާކުރަން ފޮނުވާފައިވާކަން އެޗްއާރްސީއެމުން ހާމަކުރީ އިއްޔެގަ އެވެ.
ޝެނީޒާގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުމުގެ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން ޒެނީޝާ އިއްޔެ ވިދާޅުވެފައިވަނީ އެކަމަނާ ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި، އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވެ ވަޑައިގެންފައިވެސް ނުވާނެ ކަމަށެވެ.
އެޗްއާރްސީއެމްން ވަނީ ޒެނީޝާއާއި ބަޝީރު ހިމެނޭހެން 30 މީހެއްގެ މަށްޗަށް ދައުވާ ކުރަން ފޮނުވާފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖނެރަލް އޮފީހުން ބުނީ އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާ ކުރުމާމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، އެޗްއާރުސީއެމާއެކު އެކަމާ ގުޅޭގޮތުން ޕީޖީން އަދިވެސް ދަނީ އިތުރަށް މަޝަވްރާ ކުރަމުން ކަމަށެވެ.