ގައުމީ އެއާލައިން މޯލްޑިވިއަނުން ކޮވިޑް-19އާއި ގުޅިގެން ޕައިލެޓުންނަށް އުނިކުރި މުސާރަ އަންނަ މަހުންފެށިގެން ދޭން ނިންމައިފިއެވެ.
މުއައްޒަފުންނަށް އުނިކުރި މުސާރަ އަންނަ މަހުންފެށިގެން ދޭންފަށާނެ ކަމަށް ބުނެ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ޕައިލެޓުންނަށް ލިއުމަކުން ވަނީ އެކަން އަންގާފައެވެ. އެ ލިޔުމުގައި ވަނީ މިމަހުގެ މުސާރަ ލިބޭއިރު ކުރިން ލިބެމުން ދިޔަ މުސާރައިގެ 80 ޕަސަންޓް ލިބޭނެ ކަމަށެވެ. އަދި ބާކީ 20 ޕަސަންޓް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މުސާރައިން އުނިކުރި ބައި ލިބޭނެ ކަމަށް ޕައިލެޓުންނަށް އަންގާފައި މިވަނީ މުސާރަ އަނބުރާ އިއާދަކޮށްދިނުން އަވަސްކުރުމަށް އެދި ޕައިލެޓުން މިމަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރައްވާ ޝަކުވާ ހުށަހަޅުއްވާފައި ވަނިކޮށެވެ.
ރައީސް ސާލިހާ އެކު ބޭއްވި ބައްދަލުވުމުގައި ޕައިލެޓުން ވަނީ ކޮވިޑްގެ ހާލަތުގައި ސަރުކާރަށް މާލީ ގޮތުން އުދަނގޫތައް ކުރިމަތިވި ވަގުތު މުސާރަ ކުޑަކުރުމަށް އެމީހުން އަމިއްލައަށް އެދުނު ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެ، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ފްލައިޓްތައް ވެސް ދަތުރުކުރަމުންދާތީ ކުރީގެ މުސާރަ މިހާރު ނުދެވޭނެ ސަބަބެއް ނެތް ކަމަށް ވެސް ޕައިލެޓުން ރައީސް ސާލިހު އާ އެކީ ބޭއްވި ބައްދަލުވުމުގައި ބުނެފައިވެ އެވެ.