ކޮވިޑް-19ގެ މިހާލަތުގައި ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު ގޮތްތޮތަށް އީދު ހަރަކާތްތައް ބާއްވަމުން އަންނަ އިރު ކުޅުދުއްފުށި ސިޓީން ދެއްކީ ކޮވިޑުން ރައްކާތެރިވެ ތިބެ، އާދަޔާހިލާފު ރީތި ފަރި އަދި އެހާމެ ހިތްގައިމު ހަރާކާތްތަކެކެވެ. ކުލަކުލައިން ޖަރީކޮށްފައިވާ މޫދު އީދު ހަރަކާތެކެވެ.
ގިނަ ބަޔަކު މި ޝޯބަލަން އެއްވިއިރު، އެސަރަހައްދުގެ އިންތިޒާމު ހަމަޖައްސާފައި ހުރީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ސަލާމަތީ ފިޔަޅުތަކަށް އަމަލުކުރެވޭނެހެންނެވެ. އެއް ބަޔަކު އަނެއްބަޔަކު ބޮޑި ނުވެ ގައިދުރުކަން ބަހައްޓައިގެން ކުޅުދުއްފުށީ ރައްޔިތުން މިވަނީ ކޮވިޑްގެ މިހާލަތުގައި ވެސް ހިތްގައިމު، އަދި ރައްކާތެރި މާހައުލެއްގައި އީދު މަޖާ ނެގޭނެކަން މިސާލާއެކު ދައްކާފައެވެ.
އެ ސިޓީގެ ޒުވާން ކައިޓް ސާފަރުންވަނީ ކޮވިޑާއި ގުޅިގެން ރައްޔިތުންގެ މޫނުމަތިން ފެންނަމުންދިޔަ މޮޅިވެރިކަން ބަދަލުކޮށް ރޭ ގަނޑުގެ ވަގުތުގައި ރައްޔިތުންގެ މޫނުތައް އުޖާލާކޮށްލާ އެ މޫނުތަކުން ހިނިތުންވުން ގެނުވައި ދީފައެވެ. ބޮކިފަތީގެ ރީތި އުޖާލާކަމުން ގެނުވައިދިން މި ހިތްގައިމު މަންޒަރުބަލަން ރަށުގެ ކުޑަ ބޮޑު ގިނައަދަދެއްގެ ބަޔަކު އެއްވިއެވެ.
މިއީ ކުޅުދުއްފުށީ ސިޓީ ނައްޓާލައިގެން ށ. ފުނަދުއަށް ކައިޓް ސާފިންގަ ދިޔަ އަދި 24 ގަޑިއިރުވަންދެން ކައިޓް ސާފިން ހަރަކާތްތަކެއް ހިންގުންފަދަ ތަފާތު ސާފިން ހަރަކާތްތައް ބާއްވަމުންއަންނަ އެ ސިޓީގެ ޒުވާނުނުންގެ ގްރޫޕެއްކަމަށްވާ ”ކައިޓް ބޯޑިން ކުޅުދުއްފުށި“ގްރޫޕުން އަޟްހާ އީދަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ތަފާތު ރީތި އީދުކުޅިވަރު ހަރަކާތެއެވެ.
މި އީދު ޝޯ ވެގެންދިޔައީ ނިސްބަތުން ގިނަ އަދަދެއްގެ ކައިޓްސާފަރުން އުފެދިފައިވާ ކުޅުދުއްފުށީ ސިޓީގެ ސާފަރުންގެ ހުނަރުވެރިކަން ވަރަށް ރަގަޅަށް ދައްކުވައިދިން ހަރަކާތަކަށެވެ.
ކުލަކުލައިން ޖަރީކޮށްފައިވާ ސާފު ބޯޑުތަކާއި ކައިޓްތައް ބޭނުން ކޮށްގެން 10 ކައިޓް ސާފަރުން މޫދުގައި ދައްކަމުންދިޔަ ހިތްގައިމު މަންޒަރު ވެގެން ދިޔައީ އެ މަންޒަރުބަލަން އެއްވި މީހުން ނިންމާލަން ބޭނުންވި މަންޒަރަކަށް ނޫނެވެ. މި ޝޯ އެހާވެސް ފުރިހަމައެވެ.
ކައިޓްތަކުގައި ހަރުކޮށްފައި ހުރި ބޮކިފަތިތަކުން މާދުރު ދުރަށްވެސް އެ ހިތްގައިމު މަންޒަރުތައް ފެންނަމުން ދިޔައިރު، އެއަށް އިތުރު ފުރިހަމަކަމެއް ގެނުވީ ސާފަރުންގެ ގައިގައި އާއި ސާފް ބޯޑުތަކުގައި ހަރުކޮށްފައިހުރި ހިތްގައިމު ބޮކިތަކުންނެވެ. ކަޅު އަނދިރީގައި އެ މަންޒަރު ބަލަން ވަރަށް ވެސް ފުރިހަމަވެފައި ޗާލެވެ.
މި ޝޯއަށް ފަހު ކައިޓް ބޯޑިން ކުޅުދުއްފުށިން ބުނީ މިއީ މި އަހަރަށް އެ ފަރާތުން އިންތިޒާމްކުރި ފުރަތަމަ ހަރަކާތްކަމަށާއި މި ހަރަކާތް ވެގެން ދިޔައީ ވަރަށް ކާމިޔާބު ހަރަކާތަކަށް ކަމަށެވެ. އަދި ސާފަރުން ކުރި ހިތްވަރާއި ދެއްކި ޕާފޯމަންސް އަށް އެ ގްރޫޕުން ވަނީ ވަރަށްބޮޑަށް ތައުރީފުކޮށް، އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މިކަމުގައި އިސްކޮށް އުޅުނު ޒުވާނަކު “ ސަންދާން“ އަށް ބުނީ މިޝޯ ވެގެންދިޔައީ ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.
“ އެރޭގެ އެ ހަރަކާތް ނިމުނުފަހުން ވެސް ވަރަށް ގިނަ ރިކުއެސްޓް އައި ޖެހިގެން އައި ރޭ ވެސް މި ހަރަކާތްތައް ކުރިއަށްގެންދަން“ އޭނާ ބުންނެވެ.
އޭނާ ބުނި ފަދައިން ރައްޔިތުން ތިބީ މިފަދަ ހަރަކާތްތަކަށް އިންތިހާއަށް ބޭނުންވެފައެވެ. އެކަން އެ ޝޯ ނިމުމުން މިފަދަ ބޮޑު އީދެއްގައި އެންމެ ރެއަކުން ނުފުދޭނެކަމަށް ބުނެ ގިނަ މީހުން ބޭރުކުރި ޝުއޫރުތަކުން އެނގިގެންދިޔައެވެ.
މިފަދަ ކާމިޔާބު ޝޯއެއް ނިމިގެން ދިޔައިރު ވެސް ސާފިން ބޯޑިން ކުޅުދުއްފުށީ ގުރޫޕުން ދެރަވާކަމެއްވެސް އެޒުވާނާހާމަކުރިއެވެ.
”އަޅުގަނޑުމެން ފުރަތަމަ ނިންމީ ރަށުގައި ސާފިން ކުރާ 25 ހަކަށް ޒުވާނުން ބައިވެރިކޮށްގެން މި އިވެންޓް ބާއްވަން، މި ކަމަކީ ހަރަދުތަކެހިނގާ ކަމެއް ކަމުން ސްޕޮންސާ ހޯދުމަށް ކުރި މަސައްކަތުން އެކަން ކާމިޔާބު ނުވުމުން ފަހުން މިގްރޫޕް އަމިއްލަ ހަރަދުގައި 10 ފަރާތެއް ބައިވެރިކުރުވީ“ ސާފިން ހަރަކާތުގައި ބައިވެރިވި އެޒުވާނާ ބުންޏެވެ.
ކައިޓް ސާފިން ކުޅުދުއްފުށީ ގްރޫޕުގެ އުންމީދަކީ މިފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ވީހާވެސް ގިނަ ކައިޓް ސާފަރުން ބޭނުންކޮށްގެން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ. އަދި ކުރިއަށް އޮތްތާގައިވެސް ތަފާތު ހަރަކާތްތައް އެ ގްރޫޕުގެ ސާފަރުން ކުރިއަށް ގެންދަން ދަނީ ރާވަމުންނެވެ.
One Response
ސަޅި. ދެވެހިންނަކީ ހުނަރު ކުޅަދާނަ ބައެއް. ނަމަވެސް ކިރަންމެ ހުނަރެއް ހުށްޓަސް ކަމުދެނިގެންވާ ވަޒީފާގަނޑެއް ލިބޭނީ މަގުމަތީ ފެންފޯށް ރުށް ކަނޑަން އުޅޭ ޕާޓޭތަކަށް. ނޫނީ ބޭރުމީހަކަށް ޑޮލަރުން ބޮޑުމުސާރަ ދޭގޮތަށް. މިއީ ވާ ސަރުކާރެއް. ކުރިއަށް ބާރަށް ކުރިއަށް އަންނި އާއި ސޯލިޙުގެ ކޯޅުން. އެޖެންޑާ19 ގެ ވަޢުދަކީ މި ދެ މީހުން ކޯޅިގެން ބައިއެޅުންތޯއެވެ. ކޮބާ ވީހާ ވާޢުދު؟ އެޖެންޑާ19 ކޮވިޑް19 އާއި ހުރިތަފާތަކީ ކޮބާތޯއެވެ؟؟؟