ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށްގެން ގުރޫޕް ކައުންސެލިންގ ސެޝަންތަކެއް ބޭއްވުމަށް އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ފަށައިފިއެވެ.
އެ ޖަމިއްޔާއިން ބުނީ މި ގުރޫޕް ކައުންސެލިންގ ސެޝަންތަކުގެ މަގްސަދަކީ ދަރިމައިވުމަށް ދިގުމުއްދަތަކަށް ފަރުވާ ފަރުވާ ހޯދަމުންއަންނަ ފަރާތްތަކަށް ނަފްސާނީ ގޮތުން ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ، އެންޒައިޓީ އާއި ސްޓްރެސް މެނޭޖްކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށެވެ.
އޮންލައިންކޮށް ކުރިއަށްގެންދާ މި ގުރޫޕް ކައުންސެލިންގ ސެޝަންތަކަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާ މުޅިން ހިލޭ ބާއްވާ ކައުންސެލިން ސެޝަންތަކެކެވެ.
މި ސެޝަންތައް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން ނިންމާފައިވަނީ ތިން މަހަށް ބަހާލައިގެން، ކޮންމެ މަހަކު ދެ ސެޝަން ބާއްވާގޮތަށެވެ.
އެ ޖަމިއްޔާއިން ބުނީ އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މެންބަރޝިޕް ފޯމް ފުރިހަމަ ކުރުމުން މި ސެޝަންތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްތާގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގާ އަދި ދަރިމައިވުމުގައި އުނދަގޫތައް ތަހައްމަލު ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ޖަމިއްޔާއެވެ.
އަދި ދަރިމައިވުމަށް އުނދަގޫވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވެސް މި ޖަމިއްޔާއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ދަރިމައިވުމަށް ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރާކަމެކެވެ. ނަމަވެސް ރާއްޖޭގައި މިފަދަ މައްސަލަތަކާމެދު މާބޮޑު ސަމާލުކަމެއް މީގެ ކުރިއަކުން ދީފައިނުވުމުގެ ސަބަބުން މުޖުތަމައުގައި ނަފްސާނީ މައްސަލަތައް ދިމާވުން އިތުރުގެންދާކަމަށް ނަފްސާނީ އިލްމުވެރިން ދެކެއެވެ.