މޫސުން ހޫނުވުމުން ގިނަ ބައެއްގެ ފުރަތަމަ އިޚްތިޔާރަކަށް ވަނީ ކަރަލެވެ. ފޮނި، ކަރުހިއްލުން ފިލުވައިދޭ، އަދި ފެނުގެ ބައި ގިނަ މި މޭވާއަކީ ހޫނު މޫސުމަށް އެންމެ އެކަށީގެންވާ އެއް ކާނާއެވެ. ނަމަވެސް، ކަރަލަކީ ހަމައެކަނި ހަށިގަނޑު ފިނިކޮށްލުމަށްވުރެ މާ ފައިދާހުރި މޭވާއެއް ކަމަށް މިހާރުގެ މާހިރުން ބަޔާންކުރެއެވެ.ކާނާއާ ބެހޭ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި، ގަވާއިދުން ކަރާ ކެއުމަކީ ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމަށާއި، ހިތުގެ ދުޅަހެޔޮކަމަށާއި، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކުރުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތައް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
ކަރަލުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ހަށިގަނޑަށް ބޭނުންވާ ފެން ފޯރުކޮށްދިނުމެވެ. ކަރަލުގެ ގާތްގަނޑަކަށް 92 އިންސައްތައަކީ ފެން ކަމަށްވުމުން، ހޫނު މޫސުމުގައި ދާހިއްލުމުގެ ސަބަބުން ހަށިގަނޑުން މަދުވާ ފެން އަނބުރާ ހޯދައިދިނުމަށް މިއީ ވަރަށް މުހިންމު މޭވާއެކެވެ. މާހިރުން ވިދާޅުވާ ގޮތުގައި، ކަރަލަކީ ފެން ބުއިމުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗަކަށް ނުވި ނަމަވެސް، ހަށިގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް ބޭނުންކުރެވިދާނެ ވަރަށް ފައިދާހުރި މީރު ކާނާއެކެވެ.މީގެ އިތުރުން، ހަށިގަނޑުގެ އިލެކްޓްރޯލައިޓްސްގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށްވެސް ކަރާ އެހީތެރިވެދެއެވެ. ހަށިގަނޑުން ފެން މަދުވުމަކީ ވަރުބަލިވުމާއި، ގައިން ބާރުދިއުމާއި، މަސްތަކުގައި ރިއްސުން ފަދަ ކަންކަން މެދުވެރިވާ ކަމެކެވެ. ނަމަވެސް ކަރަލުގައި ހިމެނޭ މިނަރަލްތަކުގެ ސަބަބުން މިފަދަ މައްސަލަތަކުން ދުރުކޮށްދީ، ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ބެހެއްޓުމަށް އެހީވެދެއެވެ.ކަރަލުގައި ހިމެނޭ ވިޓަމިންތަކުގެ މުއްސަނދިކަންވެސް ނިއުޓްރިޝަނިސްޓުން ފާހަގަކުރެއެވެ. ކަރާ ކޮށާފައި ހުންނަ އެއް ތަށި ކަރަލުން، ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ ގާތްގަނޑަކަށް 15 އިންސައްތަ ލިބިދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ މާއްދާއެކެވެ. މީގެ އިތުރުން މެޓަބޮލިޒަމް ނުވަތަ ހަށިގަނޑުގެ ހަކަތަ އުފެއްދުމުގެ ނިޒާމަށާއި އާންމު ދުޅަހެޔޮކަމަށް މުހިންމުވާ ވިޓަމިން އޭ އަދި ވިޓަމިން ބީ6 ވެސް ކަރަލުގައި އެކުލެވިގެންވެއެވެ.ކަރަލަށް މިހާ ބޮޑު ސަމާލުކަމެއް ލިބޭ އަނެއް ސަބަބަކީ އޭގައި ހިމެނޭ ”ލައިކޯޕީން“ އެވެ. މިއީ ކަރަލަށް ރަތްކަން ގެނެސްދޭ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. ލައިކޯޕީންއަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދީ، ހިތުގެ ބަލިތަކާއި ބައެއް ކަހަލަ ކެންސަރު ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.ހަމައެއާއެކު، ކަރަލުގައި ގުދުރަތީ ގޮތުން އެކުލެވޭ އެމިނޯ އެސިޑެއް ކަމަށްވާ ”ސިޓްރޫލިން“ އަށްވެސް ތަޖުރިބާކާރުން އަލިއަޅުވާލައެވެ. ހަށިގަނޑުގެ ތެރޭގައި ސިޓްރޫލިން ބަދަލުވަނީ ”އާޖިނިން“ އަށެވެ. މީގެ ސަބަބުން ”ނައިޓްރިކް އޮކްސައިޑް“ އުފައްދައިދީ، ލޭހޮޅިތައް ފުޅާކޮށްދީ ލޭގެ ދައުރުވުން ރަނގަޅުކޮށްދެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.ކަރަލުގައި މަސްތަކާއި ނާރުތަކުގެ މަސައްކަތްތަކަށް ބޭނުންވާ މެގްނީޒިއަމް ވެސް ހިމެނެއެވެ. ހައިރާންވާންޖެހޭ ކަމަކީ، ކަރާ އޮށަކީވެސް އުކާލުމުގެ ބަދަލުގައި ބޭނުންކޮށްފިނަމަ ވަރަށް ފައިދާހުރި އެއްޗެއް ކަމެވެ. ކަރާ އޮށް ހަނާކޮށްގެން ކެއުމުން މެގްނީޒިއަމް، ދަގަނޑު، ޒިންކް އަދި ސިއްހަތަށް ފައިދާހުރި ފެޓް ލިބިދެއެވެ.މީގެ އިތުރުން، ހަޖަމުކުރުމުގެ ނިޒާމަށްވެސް ކަރަލުގެ ސަބަބުން ފައިދާތަކެއް ކުރެއެވެ. ކަރަލުގައި ހިމެނޭ ފައިބަރާއި ޕޮލިފީނޯލްސްގެ ސަބަބުން ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް ކާނާ ފޯރުކޮށްދީ، ބޮޑުކަމުދިއުމުގެ ނިޒާމު ފަސޭހަކޮށްދެއެވެ.އެހެންނަމަވެސް، ކަރަލަކީ ގުދުރަތީ ހަކުރު ގިނަ މޭވާއަކަށް ވުމުން، މާ ގިނައިން ކެއުމުގެ ބަދަލުގައި މިންވަރަކަށް ކެއުމަށް ތަޖުރިބާކާރުން އިރުޝާދުދެއެވެ. އަދި ކަރާއާއެކު ބަދަން ފަދަ ޕްރޮޓީން ނުވަތަ ފައިދާހުރި ފެޓް ހިމެނޭ ކާނާއެއް ބޭނުންކުރުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.މިހާރު ގިނަ ބަޔަކަށް ކަރަލަކީ ހަމައެކަނި ހޫނު މޫސުމުގެ މޭވާއެއް ނޫނެވެ. އެއީ ސިއްހަތަށް ބޮޑެތި ފައިދާތަކެއް ލިބިދޭ، މީރު އަދި ފަސޭހައިން ލިބޭ ސިއްހީ ބޫސްޓަރެކެވެ.
![]()
