ދިރިއުޅުމުގެ ޙާލަތު ބެލި ގޮތާއި މެދު ހިތްހަމަ ނުޖެހި މައްސަލަ އޭސީސީއަށް

18

ފްލެޓް ދިނުމުގައި ދިރިއުޅުޖުގެ ޙާލަތު ބެލި ގޮތާއި މެދު ހިތްހަމަ ނުޖެހި އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޓީ (އޭސީސީ)އަށް ހުށައަޅުމަށް ނިންމައިފައެވެ.

ބޯހިޔާވަހިކަމުގެ ހައްޤާއި އިޖުތިމާޢީ އެހެން މައްސަލަތަކުގައި އަޑުއުފުލަން އުފެއްދި ޖަމިއްޔާ، އާއްމުންގެ އެކުވެރި ގުޅުމުން ބުނީ މި ސަރުކާރުގެ ފްލެޓް ކޮމިޓީން އާ ލިސްޓުތަކެއް އާއްމުކުރިއިރު، އެންމެ ގިނަ ބަޔަކަށް ޕޮއިންޓް މަދުވީ ދިރިއުޅުމުގެ ހާލަތުގެ ބައިން ކަމަށެވެ. ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ކަނޑައަޅާފައި އޮތް އިރު، އެ ޕޮއިންޓް ދިން ގޮތުގެ މިންގަނޑު ފްލެޓް ކޮމިޓީން އާއްމުކުރީ އެންމެ ގިނަ ބަޔަކު އެކެޓަގަރީއަކަށް ކުރިމަތިލި ކެޓަގަރީ އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު ހަމަވި ފަހުންނެވެ.

ކޮތަރު ކޮށީގެ ނަމުގައި އުފެދިގެން ގޮސް މިހާރު ޖަމްޢިޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ޢާންމު އެކުވެރި ކަމުގެ ގުޅުމުން ބުނީ މާ ލަހުން މިންގަނޑު އާއްމުކުރުމުން އެތައް ބައަކަށް ދިރިއުޅުމުގެ ހާލަތުގެ ބައިން ޝަކުވާ ހުށަހަޅަން ފުރުސަތެއް ނުލިބުނެވެ. މިއީ އެތައް ހާސް ބައެއްގެ ހައްޤު ގެއްލޭ މައްސަލައަކަށް ވިޔަސް މިކަމުގައި ސަރުކާރުގެ އިދާރާތަކުން މިހާތަނަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އެހެންވެ، ބޯހިޔާވަހިކަމަށް އެދުނު ވަކިވަކި މީހުން މެދުވެރިކޮށް އޭސީސީއަށް މި މައްސަލަ މިއަދުން ފެށިގެން ހުށަހަޅަން ޖަމިއްޔާ އިން ވަނީ މަސައްކަތް ފަށައިފަ އެވެ. ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދޭ މިންގަނޑު އާއްމުނުކުރީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު އޭސީސީއިން އެމައްސަލަ ބަލައި ދިނުމަށް އެދި ހުށައަޅަން ވަނީ ނިންމައިފައެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ދާއިމީ ލިސްޓުތައް ނެރެފި ނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ވެސް އޭސީސީއަށް ހުށަހަޅާ ސިޓީގައި ބުނެފައިވެ އެވެ..

“ޝަކުވާ ހުށަހެޅުމުގެ އަސާސީ ހައްޤު އާއްމުންނަށް ނުދީ ދާއިމީ ލިސްޓު ނެރުމުން ދެން ނުކުންނާނެ މައްސަލަތައް ކޮމްޕްލެކްސް ވެފައި، ހައްލުކުރަން އުނދަގޫވެ އަނެއްކާވެސް އެތައް ވަގުތެއް ބޭކާރު ވެގެންދާނެ. ވީމާ އެނގި ތިބެ މިފަދަ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް” އޭސީސީ އަށް މައްސަލަ ހުށަހެޅުމާ ގުޅޭ ގޮތުން ޖަމިއްޔާ އިން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ.

ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދިން މިންގަނޑު އާއްމުނުކޮށްގެން ޝަކުވާ ބޮޑުވެފައިވާއިރު، ފްލެޓް ކޮމިޓީން ބުނެފައި ވަނީ ދިރިއުޅުމުގެ ހާލަތު ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ޕޮއިންޓު ދެވޭނީ ގޭގެއަށް ގޮސް ހާލަތު ބަލައިގެން ކަމަށް ވާތީ، ޕޮއިންޓު ދޭނެ މިންގަނޑެއް އެކުލަވައިލީ ހައުސިން މިނިސްޓްރީގެ ލަފައާއިއެކު ކަމަށެވެ. ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓު ދޭން އެކުލަވާލާފައިވާ މިންގަނޑު ކުރިން އާއްމު ނުކުރީ އެ މައުލޫމާތު ކުރިން ހާމަކޮށްފި ނަމަ އެންމެ އިންސާފުވެރިކަމާ އެކު ޕޮއިންޓު ދޭން ހުރަސް އެޅޭނެތީ ކަމަށް ވެސް ކޮމިޓީން ވަނީ ބުނެފަ އެވެ.

މި މަހުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީ އާއްމުކޮށް، ހުރިހާ ކެޓަގަރީއެއްގެ ދާއިމީ ލިސްޓައް އާއްމުކުރާނެ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.

\

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ