ގއ. ވިލިނގިލީގެ އެކި ފިހާރަތަކަށް ޞައްޙަ ނޫން ބޭންކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. ރޯޒީ، މުޙައްމަދު ޝާރިފް (37އ) ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި، މި މަހުގެ 12ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ، ވިލިނގިލީގެ އެކި ފިހާރަތަކުން ތަކެތި ގަތުމަށްފަހު އޮންލައިންކޮށް ފައިސާ ދެއްކިކަމަށް ބުނެ ޞައްޙަ ނޫން ސްލިޕް ފޮނުވާކަމުގެ ތުހުމަތުގައި ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން، ޞައްޙަ ނޫން ސްލިޕް ފޮނުވުމަށްފަހު ފިހާރަތަކުން 1500 ރުފިޔާގެ ތަކެތި އޭނާ ގަނެފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށާއި، މި މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
![]()
