ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު އިންކާރު ކުރައްވައިފިއެވެ.
އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނުއެވެ.
ޖޭއެސްސީގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން ފަނޑިޔާރު އަޒްމިރަލްދާއާ މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައި ކަމަށް އޭނާގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ. އަދި އެ ތުހުމަތުތަކަކީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ފަނޑިޔާރު ދެންނެވި ކަމަށް ވަކީލް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ޝަމީލް މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް، ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެކަން ބަޔާންކޮށް، ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މި މައްސަލަ ބަލަމުންދާއިރު ކޯޓު އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ އާއި އެ ކޯޓުގެ އެހެން ގާޒީއެއް ކަމަށް ސަފްވަތު ހަބީބުގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އޭސީސީން ބަލާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޖޭއެސްސީން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ޑރ. އިސްމާއިލްގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އެ ދުވަހު ހެނދުނު 10:55 ގައި ނެރުނު އަމުރު ”މިހާރު“ އަށް ވެސް ލިބިފައިވާއިރު އޭގައި ބުނެފައިވަނީ ބަލައި ފާސްކުރި ތަނުގައި ޑރ. އިސްމާއިލް ހުރި ކަމުގައިވީ ނަމަވެސް، ތުހުމަތުކުރާ ކުށާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
އެހެންވެ، އޭނާގެ އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ވާތީ ބަންދު ނުކުރަން ގާޒީ ނިންމެވި އެވެ. ކްރިމިނަލް ކޯޓުން ބަންދު އަމުރުތައް އާންމު ގޮތެއްގައި އާންމުކުރި ނަމަވެސް، މި އަމުރު ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.