އަތޮޅުތަކުގައި ފުރަތަމަ ހަދާ ވަޤްފު އިމާރާތް އައްޑޫގައި ހަދަން ނިންމައި އެކަމުގެ މަސައްކަތްތައް އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި ވަޤްފު އިމާރާތެއް ހަދަން ނިންމީ އެކަމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވައިލުމުން އައްޑޫ ސިޓީއިން ހުށަހެޅި ޕްރޮޕޯޒަލަކީ އެންމެ ރަނގަޅު ހުށަހެޅުން ކަމަށްވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫއަށް ފައިނޭންސް ހަމަޖެއްސުމާ ގުޅޭ ގޮތުން އައްޑޫ ސިޓީގެ މޭޔަރާ މިހާރު ވާހަކަ ދައްކަމުންދާ ކަމަށެވެ.
“އެއްގޮތަކީ މިނިސްޓްރީގެ އިސްލާމިކް ފަންޑުނ އިކުއިޓީ ދޭ ގޮތަށް ލޯނެއް ނެގުން. އަނެއް ގޮތަކީ ރާއްޖެއިން ބޭރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ވާހަކަ ދައްކައިގެން ގެންދިއުން.“
ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ފަދައިން އިސްލާމީ ފަންޑު ދިރުވުމަށް ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން މާލޭގައި ދާރުލްއަރްޤަމްގެ ނަމުގައި އަދި ހުޅުމާލޭގައި ދާރުއްސަލާމްގެ ނަމުގައި ވަޤްފު އިމާރާތް ހަދަން ތައްޔާރުވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ދާރުލްއަރްޤަމްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދާރުއްސަލާމްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވަޤްފުގެ ބޮޑު މަޝްރޫއުއަކީ 200 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ސަބަބުން އަހަރަކު 30 މިލިއަން ރުފިޔާ ވަޤްފު ފަންޑަށް ލިބޭނެއެވެ.