ތިނަދޫގެބިން ޢިލްމީނޫރުން ދިއްލާލަދެއްވި އަލިގަދަ ތަރި މަޝްހޫރު އަލްގޭ ބެއްޔާގެ ޒިކްރާ 

Loading

Facebook
Twitter
WhatsApp


      ގދ. ތިނަދޫ މަޝްހޫރު އަލަގޭ މުޙައްދު ޢަލީ ތަކުރުފާނު (ޢަލަގެ މުޙައްމަދު ޢަލީ) އަލްގޭ ބެއްޔާއަކީ މުޅި ގދ.އަތޮޅުގެ އެތަކެއް ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާ އަޅުއްވާ ދެއްވި އަގުހުރި ބޭކަލެކެވެ.

    ހަދާނާ ތާރީޚުގެ ތެރެއިން ވެސް އަލަގޭ ބެއްޔާ އަކީ ފަނޑު ވުމެއްނެތް ދާއިމަށްދެމިހުންނަނިވި އަގުހުރި ތަޢުލީމީ ޚިދުމަތްތަކެއް ފޯރުކޮށް ދެއްވި ބޭކަލެކެވެ.

     އަލަގޭ ބެއްޔާއޭ ބުނުމުން އެއީ ކޮން ބޭކަލެއްކަން ނޭނގޭ އެއްވެސް މީހަކު މި ފަހަކާ ޖެހެންދެން މުޅި ހުވަދޫ އަތޮޅުގައި ވެސް މަދުވާނެއެވެ.

      އަލް މަރުޙޫމް އަލަގޭ ބެއްޔާގެ އަރިހުން ޢިލްމު އުނގެނި ވަޑައިގެންނެވި އެތަކެއް ދަރީންނަކީ ވެސް މުޅި ހުވަދޫ އަތޮޅަށް ވިދާލި ތަރީންނެވެ. މަރުޙޫމު އަލަގޭބެއްޔާ އަކީ ތަޢުލީމު ދެއްވުމުގެ އިތުރުން އޭރުގެ ތިނަދޫގެ ޒުވާނުން ތަރުބިއްޔަތު ކުރުމާ ދީނަށް ލޯބި ޖެއްސުމާއި އަޚުލާގީ ރިވެތި ސިފަތަށް ރަށުގެ ޒުވާނުނަށް ދަސްކޮށްދީ ހެއްދެވި ރުޅިމަޑު ކެތްތެރި ޢިލްމީ ބޭކަލެކެވެ.

    މަރުޙޫމް އަލަގޭއްޔާގެ އަރިހުން ޢިލްމު އުނގެނި ވަޑައިގެންނެވި ބޭކަލަކު އަހުރެންނާ ފޯނުން ބައްދަލުވިއެވެ. މިބޭކަލަކީ ރަށުގެ މަޝްހޫރު ނަމުން ދަންނަވާނަމަ މުނީރުގެ ޒުހައިރެވެ.

  ޒުހައިރު ބުނުއްވި އެވެ. އޭނާ އަކީ ގިނައިން މޫދަށް އެރި އުޅޭ ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އޭނާ މޫދުގައި އޮންނައިރު އަލަގޭ ބެއްޔާ އެއްގަމުގެ ގަސްގަނޑެއްގެ މަތީގައި އިންނަވައެވެ. މޫދުން އެއްގަމަށް އެރުމާއެކު ބައްޔާ އޭނާގެ ގާތަށް ދުރުވެ އަތުގައި ހިއްޕަވައިގެން ގެއާ ހަމައަށް ހިންގަވައެވެ. އަދި ފެންވަރާ ރީތިވަންދެން ގޭތެރޭއި އިންނަވައެވެ.

ފެންވަރާ ހެދުން ލުމާއެކު އަނެއްކާވެސް ބެއްޔާ ޒުހައިރުގެ އަތުގައި ހިއްޕަވައިގެން ބެއްޔާގެ ގެއަށް ގެންގޮސް ނަޞޭހަތް ދެއްވާ ނަމާދަށް ގެންގޮސް ކިޔެވުމުގެ މުހިންމުކަން ބަޔާން ކޮށްދެއްވާ ދީނީ ފިލާވަޅުތައް ނަންގަވައި ދެއްވައެވެ. އަދިގުރުއާން ކިޔަވައި ދެއްވައެވެ. ޒުހައިރު ބުނުއްވި ގޮތުގައި ބެއްޔާ އޭނާއަށް ކިޔަވައި ދެއްވީ އެއްވެސް ފީއެއް ނަންގަވައި ގެނެއް ނޫނެވެ. އަދި ދީނީ ރޮގުން ނަޞޭހަތް ދެއްވުމާއި ޢިބުރަތް ލިބޭފަދަ ދީނީ ވާހަކަ ތަށް ކިއުއްވާ ދެއްވައެވެ. އަދި ހަމަ އެހެންމެ ހަށިގަނޑުގެ ތަރުބިއްޔަތާއިމެދު އެކިރޮނގު ރޮނގުން ނަސޭހަތް ދެއްވާ ހައްދަވައެވެ. 

  ބެއްޔާގެ އަރިހުގައި އޭނާ އެ އުޅުނު ދުވަސް ތަކުގެ ތެރޭގައި ބެއްޔާގެ މަޑުމައިތިރި މިޒާޖު ވަރަށް ކަމުދިޔަ ކަމަށާއި ރުޅިދުރުވެގެން އުޅުއްވިތަނެއް ދުވަހަކު ވެސް ފެނިފައި ނުވާކަމަށް ޒުހައިރު ބުނުއްވިއެވެ. 

ޒުހައިރުފަދައިން މޫދަށް އެރި ތިބޭ އެހެން ބައެއް ކުދީން މޫދުން އެއްގަމަށް އެރުމުން ވެސް ޒުހައިރު ފަދައިން ބެއްޔާ އެކުދީންގެ އަތުގައި ހިއްޕަވައިގެ އެކުދިންގެ ގޭގެއަށް ގެންދާ މަންޒަރުވެސް ފެނިފައިވާކަމަށް ޒުހައިރު ބުނުއްވިއެވެ.

     އޭރު ބެއްޔާ ހުންނެވީ ތިނަދޫ ދެކުނު އަވަށުގެ މަދުރަސާގެ ނާޒިރުގެ މަގާމުގައެވެ. ބެއްޔާއަކީ ތިނަދޫގެ ތަޢުލީމަށްޓަކާ މުޅި ޙަޔާތް ވޭތުކުރި މުދައްރިސެކެވެ. ސަކަ މިޒާޖެއް ގެންގުޅުއްވި އަދި ޒުވާނުންނާ ގުޅޭ ބޭކަލެކެވެ. 

މަދުރަސާގެ ދަރިވަރުން މަގުމަތީގައި އުޅޭ ނޫޅޭގޮތް ބައްލަވާ ނަމާދުގެ ވަގުތު ޖެހުމުން ކުދިން މިސްކިތަށް އަހުލުވެރި ކޮށް މިސްކިތުގައި ނަމާދު ކުރުވުމުގެ މުހިންމު ދައުރެއް އަދާކޮށްދެއްވި ޝަޚުޞިއްޔަތެއްވެސް މެއެވެ.

    1964 ވަނައަހަރު ގދ.ތިނަދޫ މީހުން އެރަށުން ބޭރު ކޮށްލި އިރު ވެސް ބެއްޔާ އަކީ ތިނަދޫ ދެކުނު އަވަށުގެ މަދުރަސާގެ ޕްރިންސިޕަލެވެ.

     ތިނަދޫ މީހުން އެ އަތޮޅުގެ ރަށްރަށުގައި ވަޒަންވެރިވި ކަޅު ދުވަސްވަރު ބެއްޔާ ވަޒަންވެރިވީ އެ އަތޮޅު މަޑަވެލީގައެވެ.

     ބެއްޔާ މަޑަވެލީގައި ވަޒަންވެރި ވުމާއެކުވެސް ބެއްޔާގެ ތަޢުލީމީ ދަންމަރު ނިވިގެން ދިޔަކަ ނުދެއްވައެވެ. ބެއްޔާގެ ތަޢުލީމީ މަންހަޖު އެރަށުގެ ކުޑަކުދީންނަށް ފެތުރުއްވުމުގެ މަތިވެރި އަޒުމާއި ހިއްވަރު އާކުރައްވާ މަޑަވެލީގައި މަދުރާސާއެއް ހިންގެވިއެވެ. އެގޮތުން ތިނަދޫ މީހުން އެނބުރި ތިނަދުއަށް ބަދަލުވުމާއި ހަމައަށް މަޑަވެލީގައި ބެއްޔާ ވަނީ އެރަށުގެ ތަޢުލީމީ ބިންގާ ވަރުގަދަ ކޮށް އެރަށާއި އަދި އެރަށު މަދުރަސާއަށް އައިސް ކިޔެވި އެ އަތޮޅުގެ އެހެނިހެން ރަށްރަށުގެ އެތަކެއް ދަރިވަރުން އެޒަމާނުގެ ފެންވަރަށް ކިޔަވާދެއްވާފައެވެ.

      ބެއްޔާ އެނބުރި ތިނަދޫގައި ވަޒަންވެރި ވުމަށް ފަހުވެސް ބެއްޔާގެ ތަޢުލީމީފަލްސަފާ އިތުރަށް ފުޅާކޮށް އަމިއްލަ ގޭގައި ރަސްމީކޮށް މަކުތަބެއް ރަޖިސްޓްރީ ކުރެއްވިއެވެ. މި މަކުތަބުން ތަޢުލީމު ޙާޞިލްކުރި ދަރިވަރުންގެ އަތުން ފީއެއް ނުނަންގަވައެވެ. 

އެހެނަސް ބެއްޔާގެ މަކުތަބުން ކިޔެވި ފުދުންތެރި ބައެއް ކުދީންގެ ބެލެނިވެރި ފަރާތްތަކުން ހިތް ޙަލާލުކުރުމުގެ ނަމުގައި ހަދިޔާ ދެއްވާ ހައްދަވަތެވެ.

     މަރުރުޙޫ އަލަގޭ މުޙައްމަދު އަލިތަކުފާނުގެ އަރިހުން ކިޔަވާ ވިދާޅުވި ތިނަދޫގެ ބައެއް ޢިލްމީ ޝަޚުޞިއްޔަތު ތައް ފާހަގަ ނުކޮށް މަޒުމޫނު ނިންމާލުމަކީ އިންޞާފެއް ނޫންކަން ގަބޫލު ކުރެވޭތީ އޭގެ ބައެއްބޭފުޅުންގެ ނަންތަށް ފާހަގަ ކޮށްލާނަމެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންނަކީ ސްކޫލްތަކުގައި ކިޔަވާދެއްވި މުދައްރިސުން ކަން ވެސް ފާހަގަ ކޮށްލާނަމެވެ. 

ގައުމެއްގައި މުދައްރިސުންގެ ދުވަހެއް ފާހަގަ ކުރާއިރު ގައުމު ބިނާކުރި މިފަދަ އަގުހުރި މުދައްރިސުންގެ ޒިކުރާ ދައުލަތުން ފާހަގަ ނުކުރުމަކީ ގައުމަށް ވެވޭ އިހުމާލެއް ކަމުގައި މެނުވީ ނުވާނެއެވެ.

– ނުނިމޭ…. 

Loading

4 Responses

  1. އެދުވަސްވަރު ދަރިވަރުން ތަރުބިއްޔަތު ކުރެވިގެން ދިޔަ ގޮތާއި ތަރުބިއްޔަތު ލިބިގަތް ގޮތް ވަރަށް ތަފާތެވެ. އެދުވަސްވަރު ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ އަސާސަކަށް ވެފައި އޮތީ ރިވެތި އަޚްލާގެއް އަށަގެންނެވުމާއެކު ތައުލީމާ ތަރުބިއްޔަތު ދިނުމެވެ. އިހްތިރާމް އަދާކުރުމާއެކު އިޙްތިރާމް ލިބިގަތުމެވެ.

  2. ބެއްޔާގެ މައުލޫމާތު ތަންކޮޅެއް ހަރުދަނާ ގޮތުގައި ގެނެސްދެވުނު ނަމަ ރަނގަޅުވީސް. އަހަރެމެން ކިޔަނީ އަލްގޭ ބެއްޔާއެއްނޫން. އަލެގޭ ބެއްޔާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް